ކީރިތި ޤުރުއާނުގެ އަޚުލާގުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށާއި އެއީ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ކީރިތި ޤުރުއާނަށް އަމަލުކުރުމަކީ އަހަރުމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު ޤުރުއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެއް ކަމަށް ބުނެފައިވެއެވެ.
އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތްކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ދެވަނަ ޒީނަތަކީ ﷲ އަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރި ކުރުމެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ ﷲ ހަނދުމަކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު އަދި އެންމެ މާތް އެއްކަމެވެ.
ޤުރުއާނުން ޒީނަތްތެރިވުމުގައި ތިންވަނަ ޒީނަތަކީ އެފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުން ކަމަށް ފާހަގަކޮށް ޚުތުބާގައި ބުނީ ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް އިމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ގަބޫލުކުރާނަމަ ތިމާގެ އަމަލާއި ބަސް ދިމާވާން ޖެހޭނެ ކަމަށެވެ.
މިއަށްފަހު، ޤުރުއާނުން ޒީނަތްތެރިވުމުގައި ހަތަރުވަނަ ޒީނަތަކީ މަޑުމައިތިރިވުމާއި ކެތްތެރިވުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، ކެތްތެރިވުމާއި ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި ވަތަށް ގިނަ އާޔަޔް އައިސްފައިވުމުން އެނގެނީ އެކަމުގެ މުހިއްމުކަމެވެ. އަދި ކެތްތެރިވުމުގެ ފޭރާމުން ފޭރާން އެޅުމަކީ ކީރިތި ޤުރުއަން ގަބޫލުކުރާ ކޮންމެ މީހަކު ކުރަންޖެހޭނެ ކަމެއް ކަމަށާއި މަޑުމައިތިރިކަމާއިއެކު ވާހަކަދައްކައި ހެދުމަކީވެސް ކެއްތެރިވުމުގެ ސިފައެއް ކަމުގައި ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި ބުނެފައިވާ ގޮތުގައި ކީރިތި ޤުރުއާނަކީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖެވެ. އަދި އެހެންކަމުން އަހަރުމެން މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި އެފޮތާއި އެއްގަތަށް އަހަރުމެންގެ އުޅުމާއި ސުލޫކު ބައްޓަން ކުރަން ޖެހެއެވެ.
މީގެއިތުރުން، އަހަރެމެންގެ ދަރީންނަށް ކީރިތި ޤުރުއާން އުނގަންނައިދޭން ޖެހޭކަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރިއާންގެ ލޯބި އަށަގަންނުވައި އެފޮތުގެ މަތިވެރިކަމާއި މާތްކަމާއި ކީރިތި ޤުރުއާންއަށް އިޚްތިރާމް ކުރަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.



