މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިސަމާލު ނެރެފައި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީވެ އެވެ.
މިއަދުގެ 15:00 އިން މިރޭ 19:00 އާއި ހަމައަށް މިސަމާލު ދެމިއޮންނާނެކަން ހާމަކުރައްވާ އެއިދާރާއިން ބުނީ މިވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު، އިއްޔެ ވަނީ އިރުވައި މޫސުން ފެށިފައެވެ. ނަމަވެސް، މި އަހަރު އިރުވައި މޫސުން ފެށުނީ އާންމު އަހަރުތަކާ އަޅާބަލާއިރު ލަސްކޮށްކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން އެއިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވެސް ރީނދޫ ސަމާލު ނެރެފައެވެ. މިއަދުގެ 15:00 އިން ފެށިގެން މިރޭގެ 19:00 އާއި ހަމައަށް މި ސަމާލު ނެރެފައިވާއިރު، މިވަގުތުތަކުގެ އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުރުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއްވާފައިވެއެވެ. މި ރަށްތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެހެންކަމުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ އިދާރާއިން އަންނަނީ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ.




