ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފެނަކައިގެ އިމަޖެންސީ ރެސްޕޮންސް ޓީމްގެ ހުރިހާ މުވައްޒަފުން ނިކުތުމަށް ފެނަކަ މެނޭޖްމެންޓުން ގޮވައިލައިފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅިގެން ”ތައްޔާރު“ ގެ ނަމުގައި ފެނަކައިގެ ހުރިހާ ބްރާންޗްތަކަށް ޚާއްސަކޮށްގެން ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ އުސޫލު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
މި އުސޫލުގެ ދަށުން ފެނަކައިން ޚިދުމަތްދޭ 157 ރަށުގައި އިމަޖެންސީ ރެސްޕޮންސް ޓީމްތައް އެކުލަވާލެވިފައިވާ ކަމަށް ރުކުމާ ހާމަކުރެއްވިއެވެ. އަދި މިހާރު ރާއްޖޭއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މި ޓީމްތަކުން އިސްނަގައިގެން ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު މުއައްސަސާތަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމަށް ފެނަކަ މެނޭޖްމަންޓުގެ ފަރާތުން ވަނީ ގޮވާލައްވާފައެވެ.

”މިހާރު ރާއްޖޭއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގައި ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މި ޓީމްތަކުން އިސްނަގައިގެން ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު މުއައްސަސާތަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމަކީ މެނޭޖްމަންޓުގެ އެދުމެއް“ ކަމަށް ރުކުމާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި ކުރިމަތިވެފައިވާ މޫސުމީ ނުރައްކާތަކާ ގުޅިގެން ރައްޔިތުންނަށް އަވަސް އަދި ހަރުދަނާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ފެނަކައިން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.



