ރާއްޖެއާއި އިންޑިއާ އާ ދެމެދު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ޖައިޝަންކަރުގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ތަރައްޤީގެ އެއްބާރުލުމާއި، އިޤްތިޞާދީ، ސަލާމަތީ، ފިންޓެކް އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
އިންޑިއާގެ އަވަށްޓެރި ޤައުމުތަކަށް އިސްކަންދޭ ސިޔާސަތު (އެސްއޭޖީއޭއާރު) ގެ ވިޝަންއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް އިންޑިއާއިން ދެމިހުންނާނީ ވަރުގަދަ އެހީތެރިއެއްގެ ގޮތުގައި ކަމަށް ވެސް ޖައިޝަންކަރު އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.



