މާލެއަށް މިއަދު ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިނދައި ނިމެންދެން ބަރު އުޅަނދުފަހަރު ނުދުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު މެންދުރުފަހުން ފެށިގެން ވެހެމުންދިޔަ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ވަނީ ފެން ވަދެފައެވެ. އެހެންކަމުން މަގުތައް އާންމު ހާލަތަށް އަންނަންދެން، މަގުމައްޗަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުފަހަރާއި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުފަހަރު ކޮންމެހެން ބޭނުން ޙާލަތްތަކުގައި މެނުވީ ނުދުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެއިތުރުން، މިފަދަ ކުއްލި ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ދަނޑިވަޅުގައި، ސަލާމަތީ ޚިދުމަތްތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ފެން ވަންނަމުންދާ ގޭގެއަށް ވެލިބަސްތާ ފަދަ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 11 ގެ ނިޔަލަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓެއް ނެރެފައެވެ.




