މޫސުން ގޯސްވުމުގެ ސަބަބުން، މޫސުމާބެހޭ ގައުމީ އިދާރާއިން ބ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ނެރެފައިވާ އޮރެންޖު ސަމާލު ދަންމާލައިފިއެވެ.
އެއިދާރާއިން ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މިއަދު މިއަދުގެ 15:00 އިން މިރޭ 19:00 އާއި ހަމައަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ.
އެހެންނަމަވެސް މޫސުން ރަނގަޅުވެފައި ނުވާތީވެ އެއިދާރާއިން ވަނީ މިސަރަހައްދަށް ނެރެފައިވާ އޮރެންޖު ސަމާލު މިރޭ 23:00 އާއި ހަމައަށް ދަންމާލާފައެވެ. މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއްވާފައިވެއެވެ. މި ރަށްތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާއިރު، މާލެގައި ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ މަގުތަކުގައި ފެން ބޮޑުވެފައެވެ.
މޫސުން ގޯސް މިދަނޑިވަޅުގައި ކަމާބެހޭ އިދާރާތަކުން އަންނަނީ މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަމުންނެވެ.



