ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި އެންމެ ގިނަ މިންވަރަކަށް ވާރޭވެހިފައިވަނީ މާލެއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން، މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަޙްމަދު ޝަހުދު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 162 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. މީގެ ތެރެއިން، ހަވީރު 5:00 އާއި 6:00 އާ ދެމެދު އެންމެ ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށް ކަމަށާއި، އެރަށަށް 135 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ 6 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން މިހާތަނަށް 7639 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ބ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށް މިރޭގެ 19:00 އާއި ހަމައަށް ނެރެފައިވާ އޮރެންޖު ސަމާލު މިރޭގެ 23:00 އާއި ހަމައަށް ދަންމާލާފައެވެ.



