ނިމިދިޔަ 2024 އަހަރު ފެނަކަ ކޯޕަރޭޝަންއިން މުޅިން އަލަށް 21 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 4 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެގޮތުން ފެނަކަ އިން ބުނީ އަސާސީ ޚިދުމަތްތަކަކީ ލަސްކަމެއް ނުވަތަ ހުސްކަމެއް ގެނެވޭނެ ޚިދުމަތްތަކެއް ނޫންކަމަށާއި އެ ކުންފުނިން ޚިދުމަތް ދޭ ރަށްރަށުގައި މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނުކަމަށެވެ. އަދި މާލީ ގޮންޖެހުންތަކާއެކުވެސް އައު ރަށްރަށުގައި ޚިދުމަތް ފެށުންފަދަ މުހިންމު ކަންކަން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޖުމްލަ 107 ރަށަކަށް މީގެކުރިން ފެނަކައިން ޚިދުމަތް ދެމުން އައި އިރު، އަލަށް ޚިދުމަތް ދޭން ފެށި 21 ރަށާއެކު މިހާރު އެ ކުންފުނިން ޚިދުމަތްދެމުން އަންނަ ރަށްރަށުގެ އަދަދު މިވަނީ 128 އަށް އަރާފައެވެ.
އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ފެނަކައިން އިތުރަށް ބުނީ، ފެނަކައިން ބަލަހައްޓަމުންގެންދާ 31،092 އަށްވުރެ ގިނަ ފެނުގެ ކަނެކްޝަން އެބަހުރި ކަމަށާއި މީރުފެން އުފައްދާ ނިޒާމުތަކުން ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން އެ ކަނެކްޝަންތަކުގައި ހުރި ކަމަށެވެ. އަދި މިދިޔަ އަހަރު 5 ރަށެއްގައި ދުވާލަކު 564 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން އިތުރުކުރެވިފައިވާކަމަށް ފެނަކައިން ބުންޏެވެ.



