ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެފަދައިން ތަޢުރީފު ކުރެއްވީ، ދުނިޔޭގެ ބްރޭލް ދުވަސް ފާހަގަކުރުމުގެގޮތުން، މިއަދު އާންމުކުރެއްވި މެސެޖެއްގައެވެ.
މިމެސެޖުގައި، ބްރޭލްގެ އީޖާދީ، އިންޤިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރޭލް އަދާކުރި މުހިންމު ދައުރަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފައެވެ. އަދި، ބްރޭލަކީ އެފަދަ ފަރާތްތަކަށް މުޖުތަމަޢުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަބަބުން، އެފަދަ ފަރާތްތަކަކީ ޤައުމީ ތަރައްޤީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތަކާއި ވަޞީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ޤައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިއަދުގެ ސަރުކާރަކީ މުޖުތަމަަޢުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިޢާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރުކުރައްވަމުންނެވެ.


