އަވަށްޓެރި އިންޑިއާއާއެކު ރާއްޖެ އޮންނަ ގުޅުން އިތުރަށް ބަދަލި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެލައްވާ ކަމުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި މިނިސްޓަރ ޚަލީލް ވަނީ އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަޔަނަމް ޖައިޝަންކަރާ ވެރި ރަށް ނިއުދިއްލީގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަރުކާރުގެ ފަރާތުން ވަނީ ރާއްޖެއާއެކު ވެވިފައިވާ އެއްބަސްވުންތަކާއި ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރައްވާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ވިދާޅުވީ ދިވެހި ސަރުކާރުން ފަށާފައިވާ ”ނެއިބަހުޑް ފަސްޓް“ ގެ ސިޔާސަތުގެ ދަށުން، އިންޑިއާއަކީ ރާއްޖެއިން ބޮޑު އަހަމިއްޔަތުކަމެއްދޭ މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދީ، ކަންކަމުގައި ބޭނުންވާ ދަނޑިވަޅެއްގައި އެހީވެދެމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
”ރައީސް މުއިއްޒު އުއްމީދު ކުރައްވަނީ އިންޑިއާ ސަރުކާރާ ގުޅިގެން މި ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑު މިއަދު މިއައީ ރާއްޖެ-އިންޑިއާ އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް ރައީސް ދެއްވާ މެސެޖު ތަކުރާރުކުރަން“ އިންޑިއާގެ ނޫހެއްގައި މިނިސްޓަރ ޚަލީލްއާ ހަވާލާދީ ލިޔެފައިވެއެވެ.
މީގެއިތުރުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޚަލީލް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.



