ޤައުމީ އެއާލައިން މޯލްޑިވިއަން އަށް އަލަށް ގެންނަ ވައިޑް-ބޮޑީ މަތިންދާބޯޓު (އެއާބަސް އޭ-330) ގެނައުމުގެ އުފަލުގައި ހާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ޖުމްލަ 264 މީހުންގެ ޖާގައިގެ މި މަތިންދާބޯޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. އަދި އެ ބޯޓު ދައްކާލުމަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ހިމެނޭ ސަރަހައްދުގައި އެއާ ޝޯ އެއް ބާއްވަން މޯލްޑިވިއަނުން ނިންމާފައިވެ އެވެ.
މޯލްޑިވިއަނުން ބުނީ އެއާ ޝޯގެ އިތުރަށް ބާއްވާ ”މޯލްޑިވިއަން ހަވީރީ އުފާ“ އެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ހަވީރީ އުފާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 4 އިން 6 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އެއާ ޝޯގެ ފޮޓޯ ކޮމްޕެޓިޝަންގެ ލަކީޑްރޯ ނެގުންވެސް އޮންނާނީ ހަމަ އެދުވަހު އެވެ.
މޯލްޑިވިއަންގެ މެނޭޖާ ލޯންޖު ސާވީސް ފަޒްލާ އަހުމަދު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މޯލްޑިވިއަންގެ ފަރާތުން ބާއްވާ އެ ހަވީރުގައި ކުންފުނީގެ ހުރިހާ ޑިޕާޓްމެންޓުތަކުގެ ސްޓޯލަކާ ފުޑް ސްޓޯލެއް ހުންނާނެ ކަމަށެވެ. އަދި ސްޓޭޖްމަތީގެ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވިއަންގެ ތާރީހު ދައްކުވައިދޭ ފޮޓޯ ގެލަރީއެއްވެސް ކުރިއަށްދާނެ އެވެ.



