އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމުން ފޭބުމުގެ ކުރިން އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ސޭލެއް ދޭން ހުށަހަޅައިފިއެވެ.
އެމެރިކާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ބައިޑަން ވަނީ އޭނާގެ ވެރިކަން ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް، އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ސޭލެއް ދޭން އެމެރިކާގެ ކޮންގްރެސަށް މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައެވެ.
ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ރަހުމު ކުޑަ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެ، އެހީތެރިވަމުންދާތީ މިފަދަ ހުށަހެޅުމެއް ބައިޑަން ހުށަހެޅުމުން އެ ޤައުމަށް މުޅި ދުނިޔޭގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.
އެމެރިކާއިން އިޒްރޭލަށް ދޭން ނިންމާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 500 ޕައުންޑުގެ (226 ކިލޯގެ) ވޯހެޑާއި، އެންމެ ބާރުގަދަ ބޮމާއި، ޖެޓުތަކަށް މިސައިލާއި، ހަމަލާދޭން ބޭނުންކުރާ ހެލިކޮޕްޓަރާއި، ބޮން ފިއުސާއި، ވައިން ހަމަލާދޭ މިސައިލު ވެސް ހިމެނެއެވެ.
އެމެރިކާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އިޒްރޭލަށް ދޭން ނިންމާފައިމިވާ ހަތިޔާރުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ހަތިޔާރަކީ މިހާރުވެސް އެމެރިކާއިން އެ ޤައުމަށް ފޯރުކޮށްދެވެން ހުރި ހަތިޔާރެވެ. މީގެ ތެރެއިން އެމެރިކާގެ ސްޓޮކްގައި މިވަގުތު ނެތް ހަތިޔާތައް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.



