މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އާމްދަނީ އިތުރު ކުރުމަށް އެ ކުންފުނީގެ ޚިދުމަތްތަކާއި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެމިއަދު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަތީން ވިދާޅުވީ އެމްޑަބްލިޔުއެސްސީން މިހާރުކުރާ މަސައްކަތްތަކުގެ ރޭޝިއޯއަކީ 55 އިންސައްތަ ކުންފުނީގެ ޔޫޓިލިޓީގެ ޚިދުމަތްކަމަށާއި، އެ ކުންފުނީގެ ވިޔަފާރި މަސައްކަތްތަކަކީ 45 އިންސައްތަކަމަށެވެ.
އެހެންކަމުން މިހާރު އަމާޒަކީ މި ރޭޝިއޯ ބަދަލުކޮށް ޔޫޓިލިޓީގެ ޚިދުމަތަކީ ކުންފުނީގެ ޢާމްދަނީގެ 40 އިންސައްތައަށް ހަދާ، 60 އިންސައްތައަކީ ޢާމްދަނީ ލިބޭނެ އެހެން މަސައްކަތްތަކަށް ހެދުންކަމަށް މަތީން ވިދާޅުވިއެވެ.
”ރަނގަޅު މޮޑެލްއަކަށް ކުރިއަށްދާ ކުންފުންޏެއްކަމުން، މިހާރު އަމާޒަކީ ނޮން – ޔޫޓިލިޓީ ރޭޝިއޯ އިތުރުކުރުން އަދި ކުންފުނީގެ ޔޫޓިލިޓީ ރޭޝިއޯ 45 އިންސައްތައަށް ކުޑަކުރުމަށްވެސް މިދަނީ މަސައްކަތްކުރަމުން. މިއާއެކު ފެނުގެ ޚިދުމަތް އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ މަގުފަހިވެގެންދާނެ“ އެމްޑަބްލިޔުއެސްސީގެ އެމްޑީ ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ މާލެ ސަރަޙައްދުގެ ފެނުގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.



