އިސްރާއީލުގެ ސިފައިންގެ މީހަކު ހައްޔަރުކުރުމަށް ބްރެޒިލްގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.
ބްރެޒިލްގެ ކޯޓުން ނެރެފައިވާ އަވަސް އަމުރުގައި ކޯޓު އަމުރުގައި ޣައްޒާގައި ހިންގާފައިވާ ކަމަށް ބުނެވޭ ހަނގުރާމައިގެ ކުށްތަކާ ގުޅޭ ތުހުމަތުތައް ތަޙުޤީޤުކުރުމަށް އެގައުމުގެ ފުލުހުންގެ މައްޗަށް ވަނީ އަންގާފައެވެ.
އަމުރު ނެރެފައިވާ މީހާގެ ނަން ހާމަކޮށްފައި ނުވާއިރު، އޭނާގެ މި އަމުރު ނެރެފައިވަނީ ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއެއް ކަމަށްވާ ހިންދު ރަޖަބް ޖަމްޢިއްޔާއިން ފާއިތުވި ހަފުތާގައި ހުށަހެޅި ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ.
މިވަގުތު ފަތުރުވެރިއެއްގެ ގޮތުގައި ބްރެޒިލްގައި ހުރި އެ ސިފައިންގެ މީހާއަށް ތުހުމަތުކުރެވެނީ ޣައްޒާގެ މަދަނީ ސަރަޙައްދުތައް ހަލާކުކުރުމުގައި ބައިވެރިވުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިއުޅެން ނުކުޅެދޭ ފަދަ ޙާލަތެއް ކުރިމަތި ކުރުވުމެވެ.
ހިންދު ރަޖަބް ޖަމްޢިއްޔާއިން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ވީޑިއޯތަކާއި، ޖިއޯލޮކޭޝަން ޑޭޓާ، އަދި އެ ސިފައިންގެ މީހާ ގޮވާ ތަކެތި ހަރުކުރަމުންދާ އަދި މުޅި ސަރަޙައްދުތަކެއް ހަލާކުކުރުމުގައި ބައިވެރިވަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ހިމެނެއެވެ. މި ޖަމްޢިއްޔާއިން ބުނާ ގޮތުގައި މި ހެކިތަކުން އެ ސިފައިންގެ މީހާ ތުހުމަގެ މައްޗަށް ތުކުރެވޭ އަނިޔާވެރި ޢަމަލުތަށް އޭނާ ކޮށްފައިވާކަން ޝައްކެއްނެތް މިންވަރަށް ސާބިތުވެއެވެ.
މި ޖަމްޢިއްޔާއިން ވަނީ އެ ސިފައިންގެ މީހާ ހައްޔަރުކުރުމަށް އެދި 500 އަށްވުރެ ގިނަ ލިޔެކިޔުން ހުށަހަޅާފައެވެ. އަދި ޤާނޫނީ އިޖުރާއާތުތައް ކުރިއަށްދިއުމުގެ ކުރިން އޭނާ ބްރެޒިލް ދޫކޮށް ފިލައިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހިންދު ރަޖަބް ޖަމްޢިއްޔާގެ މަޤްޞަދަކީ އިސްރާއީލުގެ ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ހަނގުރާމައިގެ ކުށްތަކާއި، އިންސާނީ ޙައްޤުތަކުގެ ޚިލާފުވުންތަކުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމެވެ.
މީގެއިތުރުން، ޗިލީގައި ވެސް އެގައުމުގެ 620 ވަކީލުންގެ ގްރޫޕަކުން އިއްޔެ ވަނީ އިސްރާއީލުގެ 749 ވަނަ ބެޓަލިއަންގެ ސިފައިންގެ މީހެއް ކަމަށްވާ ސާރް ހިރްޝޮރިންއާ ދެކޮޅަށް ދަޢުވާއެއް އުފުލާފައިފައެވެ. މި ދަޢުވާގައި ހިރްޝޮރިންއަށް ތުހުމަތުކުރެވެނީ ޣައްޒާގެ ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހިންގާފައިވާ ކަމަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ހިރްޝޮރިން މިހާރު ހުރީ ޗިލީގައެވެ.




