ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި ވިޔަފާރިތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މާދަމާ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ އަންނަން ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ މަތިންދާބޯޓުގެ ސިނާއަތަށް އަންނަ ވަރަށް މުހިންމު ބަދަލެއްކަމަށް މޯލްޑިވިއަންއިން ދެކެއެވެ.
މިކަމާއިގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރ އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ، މި މަހުގެ ތެރޭގައި ޗައިނާގެ ތިން ސިޓީއަކަށް ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މި ފަށަނީ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު ޖެނުއަރީ މަހު ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް. އެއީ ބެއިޖިންގ، ޝަންހާއި އަދި ޗެންގްޑޫ. މި ތިން މަންޒިލަށް ސީދާ ދަތުރުތައް ފެށުމާއެކު، މުދާ އުފުލުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ. ވައިޑް-ބޮޑީ މަތިންދާބޯޓުގައި ކޮންމެ ދަތުރެއްގައި 10 ޓަނަށްވުރެ ގިނަ މުދާ އުފުލޭނެ. އެހެންކަމުން، މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދިއުން،“ އިސްމާއިލް އަމްރާހު އުމަރު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާތަކެއް ކުރާނެކަމަށް އަމްރާހު ފާހަގަކުރެއްވިއެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. ފުރަތަމަ ދަތުރުތައް ފަށާ ޤައުމު ކަމުގައިވާ ޗައިނާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.
”މިސާލަކަށް، ބެއިޖިންގއިން ފުރާ ފަތުރުވެރިއަކަށް މޯލްޑިވިއަންގެ ޚިދުމަތް ބޭނުންކޮށްގެން އެއް ޓިކެޓަކުން ވަރަށް ފަސޭހަކަމާއެކު އެމީހަކު ދާން ބޭނުންވާ އެންމެ ފަހުގެ މަންޒިލަށް ދަތުރުކުރެވޭނެ. މިއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،“ އަމްރާހު ވިދާޅުވިއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާ މި ދަނޑިވަޅުގައި، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމުން ދިވެހި ވިޔަފާރިވެރިންނަށް މީގެ ފައިދާ ކުރާނެ ކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން ޗައިނާއަށް މުދާ އުފުލުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދާނެކަމަށް ވެސް އަމްރާހު ފާހަގަކުރެއްވިއެވެ.



