ބަންޑު ވޯލް ޖަހައި ފަސްއެޅުމުގެ މަސައްކަތް ނިމެންދެން ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ގުޅީއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ސަރުކާރުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައި ނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެެހެންނަމަވެސް މިހާރު އެމް.ޓީ.ސީ.ސީގެ ޓީމު ގުޅީގައި މަސައްކަތް ފަށައިފައިވާ ކަމަށާއި މި މަސައްކަތް ކުރިއަށްދާނީ ކައުންސިލުން ރޭވިފައިވާ ގޮތަށްކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ބަނދަރުގެ ޖާގައިގެ މައްސަލައަށް ޙައްލު ހޯދުމަށް، އިތުރު ބަނދަރެއް އެޅުމާއި މިހާރުގެ ބަނދަރު ބޮޑުކުރުމާ ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަޝްވަރާއާއެކުގައިކަން ހާމަކުރެއްވާ ރައީސް ވިދާޅުވީ ނެރުފައިކަށީގެ މައްސަލައަށްވެސް ފަންނީ ލަފާ ހޯއްދަވައިގެން ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަކީ ރަށަށް އެންމެ ފައިދާހުރި ގޮތްކަމަށް ކަމާބެހޭ ފަރާތްތަކުން ނިންމަވައިފިނަމަ، އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި ކުނި މެނޭޖުކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އިސްކަންދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ދަތުރުފުޅެވެ.



