ހުސްވި ހަފްތާގައި މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ގޭބިސީތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފަށައިގަނެފައެވެ.
މި މަސައްކަތުގައި އެންޑީއެމްއޭގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ދިވެހި ރެޑް ކްރެސެންޓް ވެސް ބައިވެރިވެއެވެ.
އެންޑީއެމްއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި، އެސެސްމަންޓް ހަދަންޖެހޭ ކަމަށް ފާހަގަކުރެވުނު 137 ތަނުގެ ތެރެއިން މިހާތަނަށް 92 ގޭބިސީގެ އެސެސްމަންޓް ވަނީ ނިންމާލެވިފައެވެ. އެކި ސަބަބުތަކާ ހުރެ ނުނިމި ހުރި 45 ގޭބިސީގެ އެސެސްމަންޓް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ވިއްސާރައިގެ ސަބަބުން 226 މީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކާބޯތަކެތީގެ އެހީތެރިކަން އެންޑީއެމްއޭ އިން ވަނީ ފޯރުކޮށްދީފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ފ. ނިލަންދޫ އާއި ކ. ހިންމަފުށި ހިމެނެއެވެ. ނިލަންދޫގެ 80 އިންސައްތަ ސަރަޙައްދުގައި ފެންބޮޑުވިއިރު، ހިންމަފުށީގެ 60 އިންސައްތަ ސަރަޙައްދުގައި ފެންބޮޑުވިކަމަށް އެންޑީއެމްއޭ އިން ހާމަކުރިއެވެ.
މީގެ އިތުރުން، ކ. ގުރައިދޫގެ 60 ގެއަކަށް އެކި މިންވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، ށ. ނަރުދޫ އާއި ރ. އިނގުރައިދޫއަށް އުދައެރުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ފާހަގަކުރިއެވެ.



