ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ސުލްހަވެރި އެއްބަސްވުމަކަށް އިޒްރޭލާއެކު ދިޔުމަށް ފެށިފައިވާ މަޝްވަތާތަކުގައި އިޒްރޭލުގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބޭކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސް ޖަމާއަތުން ބުނީ ޤަތަރުގައި މިހާރު ފަށާފައިވާ މަޝްވަރާ ބައްދަލުވުންތަކުގައި އެ ޖަމާއަތުން ހުށަހެޅީ ފުރަތަމަ ބުރުގައި އިޒްރޭލުގެ 34 ހައްޔަރީން މިނިވަން ކުރުމަށް ކަމަށެވެ. ނަމަވެސް އިޒްރޭލު ސަރުކާރާއި ސިފައިން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހަމާސް އިން ބުނެފައިވެއެވެ.
އަހަރަކަށްވުރެ ގިނަ ދުވަސްވީ ހަނގުރާމަ ހުއްޓާލައި، ސުލްހަވެރި އެއްބަސްވުމަކަށް ދިޔުމަށް ހަމާސްއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުމެއް ނުދޭއިރު، އިޒްރޭލުން ދަނީ ޣައްޒާއަށް އަދިވެސް އެކިވަރުގެ ހަމަލާތައް ދެމުންނެވެ.
އެގޮތުން މިއަދު ފަތިހުގެ ވަގުތެއްގައި ފަލަސްތީނުގެ ރަފާއަށް ދިން ވައިގެ ހަމަލާގައި ހަތަރު މީހުން މަރާލާފައިވާއިރު ބްރޭޖުން ތިން މީހަކު މަރާލާފައިވެއެވެ.
މީގެއިތުރުން އިޒްރޭލުން ދަނީ ޣައްޒާއަށް އެހީވާން ބޭރުތެރެއިން އަންނަ ވަފުދުތައް ހުއްޓުވަމުންނެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން ފޯރައި، ޒަރޫރީ އެހެން ބޭނުންތައް ވެސް ނުފުއްދި ފިނިން ރައްކާތެރިވާނެ ގޮތެއް ހޯދުމަށްވެސް ވަނީ ދަތިވެފައެވެ. މިކަމުގެ ސަބަބުން ޣައްޒާއިން މިހާތަނަށް 8 ތުއްތު ކުދިން ވަނީ ގަނޑުވެގެން މަރުވެފައެވެ.



