ގުޅީފަޅުގެ މަގުތައް ހެދުމާއި ޔުޓިލިޓީގެ ޚިދުމަތްތައް ޤާއިމުކުރުމަށް ޗައިނާގެ ސީއެމްއީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު،ދިވެހި ސަރުކާރުގެަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދިސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއަން ހައޮޖުންއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ސީއެމްއީސީއާއެކު ވެވުނު އެމްއޯޔޫއެއްގެ ނަތީޖާއެވެ. އަދި މި އެއްބަސްވުމާ ހަމައަށް އައުމުގެ ކުރިން ގިނަ ޓެކްނިކަލް މަސައްކަތްތަކެއް ކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް، ފެނާއި ނަރުދަމާގެ ނިޒާމު، ޑީވޯޓަރިން ސިސްޓަމް، ޖީޕޮން ޑަކްޓިން ސިސްޓަމް އަދި ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ގުޅީފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެމްއީސީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ޝިއެ-ޚަރ ވިދާޅުވި ގޮތުގައި އެ ކުންފުނިން ރާއްޖޭގައި މަޝްރޫޢުތައް ހިންގާތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި މި މުއްދަތުގައި ހައުސިންގ އިންފްރާސްޓްރަކްޗަރ، މަގުހެދުން އަދި ހަކަތައާ ގުޅޭ މުހިންމު މަޝްރޫޢުތަކެއް ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



