ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މި ވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހިސާން ހުސައިން ވިދާޅުވީ އެންޑީއެމްއޭގެ މައިގަނޑު އަމާޒަކީ ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރން ކަމަށާއި މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، އެކި ރަށްރަށުގައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިޑަކްޝަން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަމުން ރައްކާތެރިވުމަށް ރަށްރަށުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ފެން ހިއްކާ ޕަންޕާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގާފައިވާކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، މިފަދަ ވަސީލަތްތައް ލިބިފައިނުވާ ހުރިހާ ރަށަކަށް ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި މި ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ޖަޕާން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެމްއެންޑީއެފަށް އަލިފާން ނިއްވުމާ ގުޅޭ ސާމާނު ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށާއި، މީގެ ފުރަތަމަ ޝިޕްމަންޓް މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަންނާނެކަމަށް ހިސާން ހާމަކުރެއްވިއެވެ. މި ޝިޕްމަންޓްގައި އަލިފާން ނިއްވާ 4 ވެހިކަލާއި 40 ޕަންޕް ހިމެނޭކަމަށްވެސް ހިސާން ވިދާޅުވިއެވެ.



