ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓް، ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ވަނިކޮށް ގެއްލުނު މައްސަލައިގައި، އެ ތަކެތީގެ ވެރިފަރާތް 40 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކުން ކަސްޓަމްސްއިން ޖޫރިމަނާކޮށްފިއެވެ.
ހުސްވި ޑިސެމްބަރު މަހުގެ ފަހުކޮޅު މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ މިމައްސަލައިގައި ގެއްލިފައިވާ ސިނގިރޭޓްގެ އަދަދު 34،500 ކާޓޫނަށް އަރައެވެ. އަދި މި ތަކެތީގެ އިމްޕޯޓް ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު 47 މިލިއަން ރުފިޔާއަށް އަރައެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، މިހާތަނަށް ބޮންޑެޑް ވެއާހައުސްތައް ހިންގަމުން އައީ މާލޭގެ އެކި ގެތަކާއި އެޕާޓްމަންޓްތަކުގައި ކަމަށެވެ. މި ތަންތަނުގައި ދެ ތަޅު ހަރުކޮށްފައި ހުންނަ ކަމަށާއި، އޭގެ ތެރެއިން އެއް ތަޅުދަނޑި ބަހައްޓަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މި ސިނގިރޭޓްތައް ގެއްލުނު ބޮންޑެޑް ވެއާހައުސްއަކީ ވެސް ގެއެއްގައި ޤާއިމުކޮށްފައިވާ ތަނެއް ކަމަށެވެ. ނަމަވެސް، ވެރިފަރާތުން އެ ތަން ދޫކޮށް އެހެން މަސައްކަތެއް ކުރަމުންދާކަން އެނގުމުން، ކަސްޓަމްސްއިން ވަނީ އެތަނުގައި ހުރި މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައެވެ.
ސަލާމަތީ ގޮތުންނާއި ކޮންޓްރޯލް ކުރުމުގެ ގޮތުން، ގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ފެންނާތީ، މީގެ ފަހުން ބޮންޑެޑް ވެއާހައުސްތައް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުރިހަމަ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށް ވެސް މިނިސްޓަރު އިހުސާން ވަނީ ހާމަކުރައްވާފައެވެ.



