ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދެވަނަ ބޯޓު މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަން ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއްކަމަށެވެ.
ރައީސް ވިދާޅުވީ، މިއީ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި ހިމެނުނު ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ޤައުމީ އެއަރލައިންގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުކުރެވޭނެކަމަށެވެ. އަދި މިކަމުން ރާއްޖޭގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރިޔާސީ އިންތިހާބުގެ ތެރެއިން ވައިޑް ބޮޑީގެ ދެ އެއާކްރާފްޓް ރާއްޖެ ގެނެސް އޮޕަރޭޝަން ފުޅާކުރަން ވައުދުވެޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދު ފުރަތަމަ ބޯޓު އައި ކަމުގައިވިޔަސް، މީގެ ދެ ވަނަ ބޯޓު މި އަހަރުގެ އޮކްޓޯބަރު ތެރޭގައި އުދުހެން ފާށާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލްއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް މި އަހަރުގެ ތެރޭގައި ހޯދޭނެކަމަށެވެ.



