ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތަކުގެ އަދަދު މިދިޔަ އަހަރު ބޮޑުތަނުން އިތުރުވެފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 2022 ވަނަ އަހަރު 19،732 އޮޕަރޭޝަން ކުރެވުނު އިރު، 2023 ވަނަ އަހަރު މި އަދަދު 20،593 އަށް އަރާފައިވެއެވެ.
މާލެ ސަރަޙައްދުގައި، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް، 2023 ވަނަ އަހަރު 16،163 އޮޕަރޭޝަން ކުރެވުނެވެ. މާލެ ފިޔަވައި އެންމެ ގިނަ އޮޕަރޭޝަން ހިންގާފައިވަނީ އައްޑޫ އަތޮޅުގައެވެ. އެ އަތޮޅުގައި 1،031 އޮޕަރޭޝަން ކުރެވުނެވެ. އަދި ރާއްޖޭގައި ކުރެވުނު އޮޕަރޭޝަންތަކުގެ 71 އިންސައްތައަކީ ޓަރޝަރީ ހޮސްޕިޓަލްތަކުން ކުރެވުނު އޮޕަރޭޝަންތަކެވެ.
ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި 2023 ވަނަ އަހަރު ފިރިހެނުންގެ 10،301ުންގެ 10،301 އޮޕަރޭޝަން ކުރެވުނު އިރު، އަންހެނުންގެ 10،292 އޮޕަރޭޝަން ކުރެވުނެވެ. ކާޑިއޯވެސްކިއުލަރ އޮޕަރޭޝަންތަކުގެ 76 އިންސައްތަ ހިއްސާކުރަނީ ފިރިހެނުންނެވެ.
އަމިއްލަ ހޮސްޕިޓަލްތަކުން ކުރެވުނު އޮޕަރޭޝަންތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު ކުރެވުނު އޮޕަރޭޝަންތަކުގެ 47 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ހޮސްޕިޓަލްތަކެވެ. ނަމަވެސް، ކާޑިއޮލޮޖީ ފަދަ މުހިންމު އޮޕަރޭޝަންތަކުގެ 90 އިންސައްތަ ހިއްސާކުރަނީ ސަރުކާރުގެ ހޮސްޕިޓަލްތަކެވެ.
އެންމެ ގިނަ އޮޕަރޭޝަން ކުރެވިފައިވަނީ 35 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެއެވެ. އަދި ކުއްލި ހާލަތުގައި ކުރެވުނު އޮޕަރޭޝަންތަކުގެ ތެރެއިން 63 އިންސައްތަ އޮޕަރޭޝަން ކުރެވިފައިވަނީ ފިރިހެނުންގެއެވެ. މުޅި ރާއްޖޭގައި ކުރެވުނު އޮޕަރޭޝަންތަކުގެ 17 އިންސައްތަ ހިއްސާކުރަނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކެވެ.
އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އައު ޚިދުމަތްތައް ތަޢާރަފްކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.




