އިޒްރޭލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމާލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު 45،854 އަށް އަރައިފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މިއީ 2023 އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ރިކޯޑުކުރެވިފައިވާ އަދަދެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އިޒްރޭލު ސިފައިން ވަނީ ޣައްޒާގެ އާއިލާތަކަށް އަމާޒުކޮށް ތިން ހަމަލާއެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން 48 މީހުން މަރުވެ، 75 މީހުންނަށް ވަނީ އަނިޔާވެފައެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 109،139 މީހުންނަށް އަނިޔާވެފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އިޒްރޭލުން ޣައްޒާގެ ރައްޔިތުންގެ މައްޗަށް ހިނގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލާފައިވާއިރު، އދ. އިން ވެސް ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ރިޒޮލިއުޝަންތަކެއް ވެސް ފާސްކޮށްފައެވެ.



