މާލެއަށް ކުރިވިއްސާރަ އާއި ގުޅިގެން ޑެމޭޖް އެސެސްމަންތް ހަދާ ނުނިމި ހުރި ގޭބިސީތަކުގެ ”ޑެމޭޖް އެސެސްމަންޓް“ މިހާރު ވަނީ ފުރިހަމަކޮށް ނިންމާފައި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، އިއްޔެ ނިޔަލަށް 92 ގެއެއްގެ އެސެސްމަންޓް ނިންމާފައިވާއިރު، މިއަދު އިތުރު 45 ގެއެއްގެ އެސެސްމަންޓް ފުރިހަމަކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެންޑީއެމްއޭ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެންނެވެ.
ފާއިތުވި ހުކުރު ދުވަހުގެ ވިއްސާރައިގައި ޖުމްލަ 137 ގެއަކަށް ފެންވަދެ، އެކި މިންވަރަށް ގެއްލުން ލިބިފައިވާކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ. މި އެސެސްމަންޓްތަކުގެ ނަތީޖާއަށް ބިނާކޮށް، ގެއްލުން ލިބުނު ފަރާތްތަކަށް އެކަށީގެންވާ މިންވަރަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
މީގެއިތުރުން، މާލޭގައި ފެންބޮޑުވުމާ ގުޅިގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 554 ރިކުއެސްޓަކީ ވެލިބަސްތާ ޖަހައިދިނުމަށް އެދި ހުށަހަޅާފައިވާ ރިކުއެސްޓްތަކެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ހާމަކުރިއެވެ.



