ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާއި އެރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދޑރ. މުހައްމަދު މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެއްބަސްވުމުގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލާ ހަވާލުކޮށްގެންނެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުން ގެންދެއެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.



