މިހާރު ގްރޭޑް 8 އާއި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު އަންނަ އަހަރަށް ފަސްކޮށްފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ހުރިހާ ސްކޫލުތަކަށް އަންގައިފިއެވެ.
މިނިސްޓަރ އިސްމާއިލް ޝަފީއު ސޮއިކުރައްވާފައިވާ ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ ދިރާސީ އަހަރަށް ގެނެވުނު ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިހާނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި މިހާރު ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރޗް މަހުގައި ކަމަށެވެ. އަދި ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގައެވެ.
ނަމަވެސް ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނަށް ބަދަލެއް ނުގެނެސް، މެއި ނުވަތަ ޖޫން މަހުގައި ބޭއްވުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގައި ކަމަށެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ުކަމަށްފަހު ދިރާސީ އަހަރަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
އޯ ލެވެލްއަށް ތައްޔާރުވުމުގެ ގޮތުން، މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ގްރޭޑް 8 ގައި ކިޔަވަމުން އައި ދަރިވަރުންނަށް ކެމްބްރިޖްގެ މާއްދާތައް ކިޔަވައިދޭން ފަށާފައެވެ. މީގެ ކުރިން މި މާއްދާތައް ކިޔަވައިދޭން ފަށަނީ ގްރޭޑް 9 ގައެވެ.




