ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ ފުރަތަމަ ހަފުތާގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެފައިވާ ވަޢުދު ފުއްދުމަށް ބޭނުންވާ އިސްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ވާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މި އިސްލާޙުތަކުގެ ދަށުން މިހާރު ލިބޭ އެލަވަންސް މުސާރައިގެ ދަރަޖައަށް ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ބަދަލަކީ މިދިޔަ އަހަރު ތެރޭގައި އެމަނިކުފާނާ ބައްދަލުކުރެއްވި ހުރިހާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދިވަޑައިގެންނެވި ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އިސްލާޙުތައް ފާސްވުމުން، އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައިވެސް މި ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ ކަމަށާއި، އެލަވަންސަކީ މުސާރައިގެ ހައިސިއްޔަތު ލިބިފައިވާ އެއްޗަކަށް ބަދަލުވާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، އަންހެން ކަނބަލުންނަކީ ކޮންމެ ރަށެއްގެވެސް ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށް ފާހަގަކުރައްވައި، އެކަމުގެ އަގުވަަގުވަޒަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ހައިސިއްޔަތެއް ލިބިގެން ރަށާއި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




