ގދ. ވާދޫގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި، މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނީ އެ ރަށުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ވާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވާދޫ ޖަމާލުއްދީން ސްކޫލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް މިއަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެ ކަމަށާއި ސްކޫލަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކޮށްދެއްވުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މީގެއިތުރުން، ވާދޫގެ މަގުތަކުގެ ދަތިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސްކޫލު މަޝްރޫޢަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަގުތައް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަރައްޤީއާއި، ރައްޔިތުންނަށް އިޤްތިޞާދީ ބާރުވެރިކަން ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، 2025 އަދި 2026 ވަނަ އަހަރަކީ ރިޔާސީ ވަޢުދުތައް ޢަމަލީގޮތުން ފުއްދަވަން ފައްޓަވައި، ގިނަ މަޝްރޫޢުތަކެއްގެ ނަތީޖާ ފެންނާނެ ދެ އަހަރު ކަމަށެވެ. އަދި ރަށާއި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ހުރިހާ ރައްޔިތުން އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރެއްވާފައެވެ.



