ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށަށް ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަ ރަމަޟާން މަހުގެ ކުރިން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރިއާއި އުތުރުބުރިއަށް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ގދ. ފިޔޯރީއަށް ރޭގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ރަށްރަށުގައި ހުރި ފެނަކައިގެ އިންޖީނުގެތަކަށް ހުރީ ބަދަލު ގެންނަން ޖެހިފައި ކަމަށެވެ. އެހެންކަމުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު ބޮޑު ހޭދައެއް ކުރިއަސް، އެކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، މި މައްސަލަ ދިމާވާ ރަށްތަކަށް މި މުއްދަތުގެ ތެރޭގައި ބަދަލު ގެނެސް ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ރަމަޟާން މަހު ތި ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން އެކަން ތި ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އެކަން ކޮށްދެވޭތޯ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ކޮށްދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.



