ދަރިވަރުންތަކެއް ގްރޫމްކޮށް އެކުދިންނާއެކު ޖިންސީ ޢަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ ޓިޗަރު ދޫކޮށްލި އަމުރު ބާތިލުކޮށް، ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.
ސައުތު ސެންޓްރަލް ޕޮލިސް (މ, ފ, ދ, ތ, ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލް ފިރިހެން ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ, ގްރޫމް ކުރި ކަމަށް ތުހުމަތު މައްސަލައެއް ފުލުހުން ބަލަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެކުރިން މިމައްސަލައާ ގުޅިގެން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އެގޮތުން އެންމެ ފުރަތަމަ 20 ދުވަހަށް ބަންދު ކުރުމަށްފަހު އެ މުއްދަތު ހަމަވުމުން 30 ދުވަހަށް ބަންދު ކުރަން އަމުރުކުރިއެވެ.
އޭގެފަހުން އެ 30 ދުވަހުގެ މުއްދަތު ހަމަވުމުން މި މައްސަލަބެލި މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާއެކު ނިމިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އޭނާ ދޫކޮށްލާފައެވެ.
ޝަރުތުތަކަކާ އެކު ޓީޗަރު ބަންދުން ދޫކޮށްލަން ނިންމި އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ, އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕީޖީ އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލައިގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ ޓީޗަރު ޝަރުތުކޮށް ދޫކޮށްލި އަމުރަކީ ބާތިލު އަމުރެއް ކަމަށް ނިންމުމާއެކު، 7 ދުވަހަށް ބަންދުކުރުމަށް އަމުރު ކުރާ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއު ތާއީދުކުރެއްވި އެވެ.



