މި ސަރުކާރުންގެ ވިސްނުމާއި ގެންގުޅުއްވާ ސިޔާސަތަކީ ކުޑަރަށެއް، ބޮޑުރަށެއް ނުބަލައި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކީގައި ޚިދުމަތް ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރިއަށާއި އުތުރުބުރިއަށް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަތަފަންދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ އާބާދީ ބޮޑު ރަށްރަށުގެ ރައްޔިތުންވެސް ބޭނުންވާ ކަންކަން ކަމުގައެވެ.
”އެކި ސަބަބުތަކާހެދި މީގެކުރިން ނުކޮށް، ނުވަތަ ކުރަން ފަށާފައި މަޑުޖެހިފަ ހުރި ކަންކަން މިއީ. އިރާދަކުރެއްވިއްޔާ މިކަންކަމުގައި އަމަލީ ސިފަ ޖައްސަދޭނަން. “ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް މި ދަތުރުތައް ކުރައްވަނީ ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންނާ ވާހަކަ ދައްކައި، ވަގުތުކޮޅެއް ހޭދަކޮށް، އަދި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަމަށް އަމަލީ ގޮތުން ނަތީޖާ ގެނެސް ދެއްވުމަށް ކަމަށެވެ.




