ހުވަދުއަތޮޅު ދެކުނުބުރިއަށާއި އުތުރުބުރިއަށް އިއްޔެ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރޭގައި، ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން އެރަށުގެ ތަރައްޤީއާ ގުޅޭގޮތުން އުފާވެރި އުންމީދުތަކެއް ދެއްވައިފިއެވެ.
އެގޮތުން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުޢިއްޒު މިއަދު ދެއްކެވި ވާހަކަފުޅުގައި އެންމެ ފުރަތަމަވެސް ވިދާޅުވީ އެރަށު ކައުންސިލު އިދާރާ ވަރަށް ބޮޑަށް ހަލާކުވެފައިވާ ވާހަކަ ރައްޔިތުން ދަންނަވާފައިވާތީ، ރަށްރަށުގެ ކައުންސިލު އިދާރާ ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެލިސްޓުގައި ރަތަފަންދޫ ވެސް ހިމެނޭ ކަމަށެވެ.
މީގެއިތުރުން ރަތަފަންދޫގެ ބަނދަރު އޮތް ހާލަތު ފެނިވަޑައިފައިވާ ކަމަށާއި ގދ. އަތޮޅުގައި ވެސް އެންމެ ހާލަތު ދެރަކޮށް އޮތް ބަނދަރަކީ އެރަށުގެ ބަނދަރުކަން ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން މިއަހަރު ކުރިއަށްގެންދާ ރަށްރަށުގެ ބަނދަރުތައް ހެދުމުގެ މަޝްރޫޢުގެ ތެރޭގައި ރަތަފަންދޫގެ ބަނދަރުވެސް ހިމަނާފައިވާ ކަމަށާއި ރަތަފަންދޫގެ ހަދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައިސް މުޢިއްޒު ވިދާޅުވިއެވެ.
ޒުވާނުންނަށްތަކައި ރަނގަޅު ވޮލީކޯޓަކާއި، އިންޑޯ ޖިމްއެއް ވެސް ހަދައި ދެއްވާނެ ކަމަށާއި އަދި ހުރިހާ ވަސީލަތްތަކާއެކު ފުރިހަމަ ޔޫތު ސެންޓަރެއް ވެސް ރަތަފަންދޫގައި އަޅައިދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”މިއަހަރުގެ ބަޖެޓުގެ ތެރޭގައި އެންމެ އިސްކަމެއްދޭ ކަންކަމުގެ ތެރޭގައި ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާ ހިމެނޭ. މިރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ހުރިހާ ގޮތަކުން މިރަށަށް އެންމެ ބޭނުންވާނެ ސިއްޙީ މަރުކަޒެއްގެ ގޮތުގައި އަޅުގަނޑު ހަދައިދޭނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑު ދެންމަ ސަލާމްކޮށްލިއިރު ބައެއް ކުދިން ގަނޑުކޮޅެއް ދިއްކޮށްލި. އެ ގަނޑުކޮޅުގައި ވެސް އޮތީ ތިމަންކުދިންގެ ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިންތިހާއަށް ބޭނުންވެއޭ. ބޭނުންވާ ސަބަބުތައް ވެސް ވަރަށް ރީތިކޮށް ލިޔެލާފައި އެބަހުރި. އެންމެ އިސްކަމެއް ދީގެން އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން“
ރައީސް ވިދާޅުވީ ގިނަ ރަށްތަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށް ގެންދަން މެދުވެރިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބޮޑުހިލަ އާއި އެހެނިހެން ސާމާނު ނުލިބުން ކަމަށެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީއާ އެކު އެ ކަމަށް ހައްލެއް ހޯދުމަށް މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.




