އެމްޓީސީސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތާއި އެންމެ ފަހުގެ އަޕްޑޭޓްތައް ފެންނާނެ ”ޑޭޝްބޯޑެއް“ އިއްޔެ ތައާރަފުކޮށްފިއެވެ.
އެމްޓީސީސީން މި ކަން އިއުލާނުކުރަމުން ބުނެފައިވަނީ، މި ޑޭޝްބޯޑަކީ ކުންފުނީގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި އައު ފީޗަރެއް ކަމަށެވެ. މި ޑޭޝްބޯޑުގައި އަތޮޅުތަކުގައި ހިންގާ މަޝްރޫއުތަކުގެ މައުލޫމާތާއި، އެ މަޝްރޫއުތައް ކުރިއަށްދާ މިންވަރު އަދި މަޑުޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިމެނޭނެއެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޑޭޝްބޯޑަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީގެ އިސްނެގުމުގެ ދަށުން ތައާރަފުކުރެވުނު އައު ވަސީލަތެކެވެ. މި ޑޭޝްބޯޑުގެ ސަބަބުން، ކޮންމެ ތަނެއްގައި ތިބެގެން ވެސް އާންމު ރައްޔިތުންނަށް ވަގުތުން ވަގުތަށް މަޝްރޫއުތަކުގެ އަޕްޑޭޓްތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.




