މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) އެއްކޮށްލުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ހާމަކުރައްވައިފިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އާރްއޭސީއެލްގެ ވެލިއުއޭޝަން މަސައްކަތްތަކެވެ.
ޝަރީފު ހާމަކުރައްވާފައިވާ ގޮތުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްގެ ދަށަށް ގެނައުމާއެކު، އެ ކުންފުނީގެ ހެޑް އޮފީހުގެ މުވައްޒަފުން ހުޅުލޭގައި ހުންނަ އެމްއޭސީއެލްގެ އޮފީސް އިމާރާތަށް ބަދަލުކުރެވޭނެއެވެ.
ދެ ކުންފުނި އެއްކޮށްލުމަށްފަހު ހިންގާނެ މޮޑެލް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ވާނެ ގޮތެއް މިވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ހާލަތު ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް، ދެ ކުންފުނި އެއްކޮށްލުމުން އެއްވެސް މުވައްޒަފަކު ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ރީޖަނަލް އެއާޕޯޓުތައް ހިންގުމުގައި އެމްއޭސީއެލްގެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އާރްއޭސީއެލްއަކީ ސަރުކާރުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. 2023 ވަނަ އަހަރު އެ ކުންފުންޏަށް 95 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 24 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ.




