ރާއްޖޭގެ ދަނޑުވެރިންނަށް އުފާވެރި މުސްތަޤުބަލެއް އޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގއ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދަނޑުވެރިކަމަކީ ޤައުމުގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ދާއިރާއެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ ނިލަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމުން ހިމެނެއެވެ. އަދި ނިލަންދޫ ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް އިމާރާތްކޮށްދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނިންމާލަމުން ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް އިސްކަންދެއްވައި، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.



