ދިވެހި ޢުމްރާވެރިންތަކެއް ރާއްޖެ އައުމަށް ނުކުޅެދި މައްކާގައި ތަށީވެފައިވާ މައްސަލަ ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮންނަ ކުންފުންޏެއްގެ ބެލުމުގެ ދަށުން ޢުމްރާއަށް ދިޔަ ދިވެހީންތަކެއް ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައި ޖެހިފައިވާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށާއި، މިއީ ގަވާއިދާއި އުސޫލުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޢުމްރާއަށް ގެންދިޔުމަށް ފައިސާ ނަގައި، އެ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށް، ޢުމްރާވެރިން ދަތި ހާލުގައި ޖެއްސުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިންނަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި ދިވެހި ސަރުކާރުން އިސްކަންދޭނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، ރާއްޖެ އައުމަށް ނުކުޅެދިފައިވާ މީހުން އަނބުރާ ރާއްޖެ ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މައްކާގައި ތަށީވެފައިވަނީ އަލްޙިޖްރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ބެލުމުގެ ދަށުން ޢުމްރާއަށް ދިޔަ 24 ދިވެއްސެކެވެ. މި މައްސަލަ ދިމާވެފައިވަނީ ޢުމްރާވެރިން މާލެ އައުމަށް ޓިކެޓް ނެގުމަށް ހުރި ފައިސާ އެ ކުންފުނިން އެހެން ކަންކަމަށް ޚަރަދުކުރުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޢުމްރާއަށް މީހުން ގެންދިޔުމުގައި އިހުމާލުވާ ކުންފުނިތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ކުރިން މީގެކުރިން ބުނެފައެވެ.




