ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެކަން އެމަނިކުފާނު ދަނީ ސާބިތުކޮށްދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޖިލިސް ރައީސް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ ރާއްޖޭގައި މީގެ ކުރިން ވެރިކަންކުރެއްވި އެހެން ރައީސުންނާ ތަފާތު ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ އަޚްލާޤު ރަނގަޅު، އެކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ޢިލްމީ އަދި ސިޔާސީ ގޮތުން ވެސް ތަޖުރިބާކާރު ބޭފުޅެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މީހުންނާ ގުޅިވަޑައިގަންނަވާ މިންވަރު ފާހަގަކުރައްވައި، ޢަބްދުއްރަޙީމް ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ނަންފުޅު ހުށަހެޅުއްވީ ރާއްޖޭގެ އޭރުގެ ހާލަތަށް ބައްލަވައި ރައްޔިތުން އެންމެ ބަލައިގަންނާނެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ފެނިވަޑައިގެންނަވާތީވެ ކަމަށެވެ.
މީގެއިތުރުން، ރައީސް ޑރ. މުޢިއްޒު ކުރިން ފުރުއްވި ހައުސިންގ މިނިސްޓަރުކަމާއި މާލޭ ސިޓީ މޭޔަރުކަމުގެ މަޤާމުތަކުގައި މަސައްކަތްކުރެއްވި ގޮތަށް ބަލާއިރު، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން އޮތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
”ރައީސް މަސައްކަތްކުރައްވާ ގޮތާއި، މީހުންނާ ބާއްވަވާ ގާތްކަމާއި، މީހުންނަށް ކުރައްވާ އިތުބާރު ވަރަށް ކަމުދިޔަ. މި ހުރިހާ ކަމަކަށް ބަލާއިރު، އެދުވަހާއި މިއަދާ ދެމެދު ތަފާތެއް ނެތް. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ފުރުއްވި މަޤާމުތަކުގައި މަސައްކަތްކުރެއްވި ގޮތަށް ބަލާއިރު، އިރާދަކުރެއްވިއްޔާ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަން ޔަޤީން،“ މަޖިލިސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޢިއްޒު އާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަން ފާހަގަކޮށް މަޖިލިސް ރައީސް ވިދާޅުވީ އެކަން ކާމިޔާބު ނުވާނެކަމަށާއި، ރައީސް ޑރ. މުޢިއްޒުއަށް ފުރިހަމަ އިތުބާރު އޮތްކަމަށެވެ.




