ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގާ ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމްގެ ތިން ވަނަ ބުރު މިއަދު ފަށައިފިއެވެ. މިފަހަރުގެ ބުރުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މުޅިއަކު ހަ މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ބިނާވެހި-އިންޓަރންޝިޕްގެ ތިން ވަނަ ބުރުގައި 5 ބައިވެރިއަކު ހިމެނޭ ކަމަށް އާރްޑީސީން މައުލޫމާތު ދީފައިވެއެވެ.
މިއީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޟިރުނުވާ ފަރާތްތަކަށް، އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އާރްޑީސީގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް ދޭއިރު، މިއީ 16 އަހަރާއި 21 އަހަރުގެ ކުދިންނަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެކެވެ.
”ބިނާވެހި“ ޕްރޮގްރާމްގެ މަގްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ބިނާވެހި ޕްރޮގްރާމްގެ ބައިވެރިންނަށް މަސައްކަތް ކުރެވޭނެ ދާއިރާތަކުގެތެރޭގައި އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން އަދި ހިއުމަން ރިސޯސަސް ހިމެނެއެވެ.
މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ވެސް ހިމެނޭ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.



