ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގއ. ދެއްވަދޫއަށް ވަޑައިގަތުމުން، އެރަށު ރައްޔިތުން ނުހަނު ފޮނި އުންމީދުތަކަކާއެކު ރައީސަށް މަރުހަބާ ކިޔައިފިއެވެ.
ރައީސް މުޢިއްޒުގެ މިދަތުރުފުޅަކީ ހުވަދުއަތޮޅު ދެކުނުބުރިއާއި އުތުރުބުރިއަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފެއްޓެވި ރަސްމީ ދަތުރުފުޅެކެވެ.
އެގޮތުން މިދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ގދ. އަތޮޅުން ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށް ވަޑައިގެންފައެވެ. މީގެއިތުރުން ގއ. އަތޮޅުން ކަނޑުހުޅުދޫ، ނިލަންދޫ އަދި މާމެންދޫއަށް ވަޑައިގަތުމަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ދެއްވަދޫ ގައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.



