އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަނު ކުރުމަށް ދައުރުން ބޭރުން މިމަހު ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާ ބޭއްވުމަށް ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހާއި 20 ވަނަ ދުވަހުއެވެ. މި ޖަލްސާތައް ބާއްވަނީ މިނިވަން މުއައްސަސާތަކަށް މިހާރު ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ނެގުމަށް ކަމަށެވެ.
މަގާމުގެ މަސްްއޫލިއްޔަތު އަދާނުކުރާކަމުގެ ތުހުމަތާއެކު، ގިނަ ތުހުމަތުތަކެއް އުފުލިފައިވުމާ ގުޅިގެން އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް ވަނީ މިދިޔަ ނޮވެމްބަރު މަހު އެ މަގާމުން ވަކިކޮށްފައެވެ.
އެހެންކަމުން އެ ކޮމިޝަންގައި މިހާރު ތިއްބެވީ ތިން މެންބަރުންނެވެ. އެއީ ހަސަން ޒަކަރިއްޔާ، އަބްދުލް ހަސީބު އިސްމާއިލް އަދި ޑރ. މުހައްމަދު ޒާހިރެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ އިރު، އަންނަ ދައުރު ނުފެށެނީސް އެ މުއްދަތު ހަމަވެއެވެ.
މި ވަގުތު މަޖިލީސް އޮތީ ދައުރު ނިންމުމަށް ފަހު ޗުއްޓީގައެވެ. މަޖިލީސް ރަސްމީކޮށް އަލުން ހުޅުވޭނީ އަންނަ ފެބްރުއަރީ މަހުގައެވެ.




