މާދަމާ ހެނދުނު މާލެއިންނާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް އެ ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނެއެވެ.
”ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ“ ސްޓެލްކޯއިން ބުންޏެވެ.
މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށް، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.



