ގއ. ދެއްވަދޫގައި އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަދު ހެނދުނު ގއ. ދެއްވަދޫގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލުން އައުޓްޑޯ ޖިމެއް އެޅުމަށް ބޭނުންވާކަން ފާހަގަކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑްކޮށްދިނުމަށާއި، ބިމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ވެސް އެދިލެއްވިއެވެ. މީގެއިތުރުން، އާމްދަނީ އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މިބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ޤާއިމުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މިކަންކަމަށް ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއް ބައްލަވައިދެއްވާނެ ކަމަށެވެ.
ހަމައެއާއިއެކު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދެއްވަދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ.



