ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ޓްރެފިކް އަދި ޓޯވިންގ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 66،347 މީހަކަށް ނަސޭހަތް ދީފައިވާއިރު، 7،606 މީހަކަށް ވަނީ ވަޔަލޭޝަން ސްލިޕް ދޫކޮށްފައެވެ. އަދި ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެއެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ވަނީ ފާހަގަކުރެވިފައިވާއިރު، އޭގެތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ދުއްވުމުގެ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފާއިތުވި އަހަރު ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބަށް ބަލާއިރު، ޓޯވ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯވ ކޮށްފައިވެއެވެ. މީގެ ތެރޭގައި 11،645 މޮޓޯސައިކަލް، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނެއެވެ. ޓޯވ ކުރެވުނު އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލެވުނު އިރު، 13،562 އުޅަނދު ވަނީ ވެރިފަރާތާ ހަވާލުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ އެފަރާތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން، އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ފާއިތުވި އަހަރު ވަނީ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެ، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު އުފެދިގެން ދިއުން ކަމަށާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.




