ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ ބޮޑު ޕެސެންޖަރ ލައިނަރަކާ ގުޅިގެން މާލޭ ބަނދަރު ސަރަހައްދުގައި ޓްރެފިކް ބާރުވެދާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މި ލައިނަރުގައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން އަރާ ފޭބުމަށް 1 އަދި 2 ނަންބަރު ފާލަން ބޭނުންކުރާނެކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއާއި ގުޅިގެން ފުލުހުން ވަނީ 1 ނަންބަރު ޖެޓީ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުތަކުގެ ޑްރައިވަރުން މިކަަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކަށް ކިޔަމަންވުމަށް އިލްތިމާސްކޮށްފައެވެ
މިދުވަސްވަރު ރާއްޖެއަށް ކްރޫޒް ޝިޕްތަކުން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވަމުންދާއިރު، މަފަހުން 3 ކްރޫޒް ޝިޕް ވަނީ ރާއްޖެ އައިސްފައެވެ. މި ޝިޕްތަކުން 3000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފައިވެއެވެ.



