ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އަދި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ބުނެ އަލްމަޝްއަރު ޓުއާސްއާ ދެކޮޅަށް ދަޢުވާ އުފުލަން ފޮނުވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި އަލްމަޝްއަރު ޓުއާސްއިން ޢުމްރާއަށް މީހުން ފޮނުވުމަށް ދޫކޮށްފައިވާ ޗެކުތަކެއް ބައުންސްވުމާ ގުޅޭ މައްސަލައެއް ހުސްވި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ވަނީ ހުށަހެޅާފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ނިމުމާ ގުޅިގެން، ދަޢުވާ އުފުލުމަށްޓަކައި ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހުސްވި އަހަރުގެ ރަމަޟާން މަހު، އަލްމަޝްއަރު ޓުއާސްއިން ޢުމްރާއަށް ގެންދިޔަ ބައެއް މީހުން ދަތުރުގައި ދަތިތަކާ ކުރިމަތިލާންޖެހި، އަނބުރާ ރާއްޖެ އައުމަށް ދަތިވެ، ސަޢޫދީ ޢަރަބިއްޔާގައި ހާލުގައި ޖެހުނެވެ. އެކުންފުންޏަށް ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ބާޠިލުކުރުމުން ވަކިން ޓުއާ އެޖެންސީއެއް ހަދައިގެން ވަނީ މީހުން އުމްރާއަށް ގެންގޮސްފައެވެ.
މިކުންފުނީގެ ބެލުމުގެ ދަށުގައި އުމްރާއަށް ގެންދިޔަ މީހުންނަށް ރާއްޖެ އަނބުރާ ނާދެވި ސައުދީގައި ތާށިވުމުން އަމިއްލަ ހަރަދުގައި ރާއްޖެ އައުމަށް ރިޓާން ޓިކެޓް ނަގާގެން އެމީހުން ރާއްޖެ އައިސްފައިވާއިރު، މިކަން މިހެން ދިމާވީ އެ މީހުންގެ ރިޓާން ޓިކެޓް ނަގަން ޓްރެވަލް އެޖެންޓަށް ދިން ފައިސާގެ ޗެކު ބައުންސް ވުމުންނެވެ.



