ރާއްޖޭގައި މަސައްކަތްކުރަމުން ދަނިކޮށް މަރުވި ނޭޕާލް އަންހެން މީހާގެ ހަށިގަނޑު، ގިނަ ދުވަސްތަކެއްވަންދެން މޯޗަރީގައި ބެހެއްޓުމަށްފަހު، އެ ޤައުމަށް ފޮނުވާލައިފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އަންހެންމީހާގެ ހަށިގަނޑު ނޭޕާލަށް ފޮނުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ނިޔާވި އަންހެންމީހާއަކީ މާލޭގެ ކެފޭއެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 25 އަހަރުގެ ކަންޗަން ދޫގެލް އެވެ. އޭނާ ނިޔާވެފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ ހަށިގަނޑާ ހަވާލުވާނެ ފަރާތެއް ނެތުމުގެ ސަބަބުން، ދިގު މުއްދަތަކަށް ހަށިގަނޑު ބަހައްޓަން ޖެހުނީ މޯޗަރީގައެވެ.
ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި، ކަންޗަން ދޫގެލް ހޮސްޕިޓަލަށް ގެންދެވުނީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީވެއެވެ. ހޮސްޕިޓަލަށް ގެންދިޔުމުގެ ތެރޭގައި އޭނާގެ ނޭވާ ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މެޑިކޯ ލީގަލް ރިޕޯޓުގައިވާ ގޮތުން، ކަންޗަން ދޫގެލް ނިޔާވި ސަބަބު ކަނޑައެޅިގެން އެނގެން ނެތްކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއަށް އެއްވެސް ބާވަތެއްގެ ޖިންސީ އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށާއި، ކަންޗަން ދޫގެލްއަކީ އެނީމިއާގެ ހިސްޓްރީއެއް އޮތް މީހެއްކަން އެނގިފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.



