އިތުރު ކުންފުނިތަކަކުން އުމްރާއަށް މީހުން ގެންދިޔުމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އުމްރާއަށް މީހުން ފޮނުވުމާ ގުޅޭ އުސޫލާ އެއްގޮތަށް އަމަލުކޮށްފައިނުވާ އިތުރު ކުންފުނިތަކެއް ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. މި ކުންފުނިތަކަށް އުސޫލާ އެއްގޮތަށް އަންނަ ހަފުތާގައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ފިޔަވަޅު އަޅާނީ ކޮން ކުންފުނިތަކަކަށްކަން މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، އުމްރާއަށް މީހުން ފޮނުވާ ބައެއް ކުންފުނިތަކުގެ މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އިއްޔެ ވަނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލައިގައި، އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައެވެ.
މީގެ އިތުރުން، އަލް މަޝްއަރު ޓުއާސްއިން އުމްރާއަށް މީހުން ފޮނުވުމަށް ދޫކުރި ޗެކްތަކެއް ބައުންސްވި މައްސަލަ ތަހުގީގުކޮށް، އެ ކުންފުނީގެ ވެރިންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އަލްހިޖްރަ ޓްރެވަލްސްގެ އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ. މި މައްސަލައިގައި ހާލުގައި ޖެހުނު އުމްރާވެރިން މިހާރު ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.



