އދ. މިރިހި އައިލެންޑް ރިސޯޓާ ކައިރީގައި އޮތް ސަފާރީއަކުން ވެއްޓި ގެއްލިފައިވާ މީހާގެ މަރުވެފައި އޮތް ހަށިގަނޑު ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން، ގެއްލިފައިވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 69 މީޓަރު އަޑިންނެވެ. އަދި އޭނާގެ ހަށިގަނޑު 15:35 ގައި ލޯންޗަށް ނެގިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި ގެއްލުނު ފަރާތަކީ ނ. ހޮޅުދޫ، ސީ ވިޑް ގޭގެ 35 އަހަރުގެ އަލީ އަރުޝާދެވެ.
އިތުރަށް ފުލުހުން ވިދާޅުވެފައިވަނީ، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކުމަތީގައި ހުއްޓައި އަލީ އަރުޝާދު ކަނޑަށް ވެއްޓުނު މަންޒަރު ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެންނަން ހުރި ކަމަށެވެ.



