ސައުތު ކޭޓަރިންގެ މުވައްޒަފުންތަކަކަށް މުސާރަ ނުލިބޭކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރަން ފަށައިފިއެވެ.
އަލިކިލޭގެފާނު މަގުގައި ހުންނަ ސައުތު ކޭޓަރިންގެ އޮފީސް ކުރިމަތީގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް މިއަދު އިހުތިޖާޖުކުރުމާ ގުޅިގެން ފުލުހުން މިމައްސަލަ ބަލަން ނިންމާފައިވާއިރު، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭކަމުގެ މަޢުލޫމާތު އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީގެއިތުރުން މި މައްސަލަ އެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓުމަންޓުން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
އެހެންނަމަވެސް، އެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ވީ މުއްދަތަކާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.



